މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެއްޖެއެވެ.

މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ދަށްވެ، އެއާ ކޮލިޓީ އިންޑެކްސް މިހާރު ވަނީ، 137 ގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ސަމާލުކަން ދޭންވީ ކަންތައްތައް ހިއްސާކޮށްފައެވެ.

އެގޮތުން، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމާއި، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ތުއްތު ކުދިން ބޭރަށް ނުނެރުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުމަށް ވެސް ވަނީ އެދިފައެވެ.