ކޮރަޕްޝަންގެ ވަބާ މިގައުމުން ނައްތާލެވޭނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތް ފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ އެންމެންނަށް ހަމަހަމަކަމާ އެކު އަމަލުކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ހިމެނޭހެން ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލައި، ތުހުމަތުކުރެވޭ މީހުންގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް، ފުލުހުންނަށް އެންގުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ އަދީބު ހިމެނޭހެން ޖުމުލަ ހަތަރު މީހެއްގެ އިމިއުނިޓީ އެއްބަސްވުން ބާތިލުކުރުމަށް ނިންމައިފައެވެ. އަދީބުގެ އިތުރުން ދެން ހިމެނެނީ މ. ލޭންޑް އޮފް ގާޑެން، އަހުމަދު އިޝްފާހް އަލީ އާއި މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިންއެވެ.

ރައީސް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެން މިގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން ކަމަށެވެ.

‏އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވަން. ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން. ރައީީސް ވިދާާޅުވިއެވެ.

މިހާރު އުވައިލައިފައިވާ، މި އިމިއުނިޓީ އެއްބަސްވުންތައް ހަދާފައިވަނީ އެމްޑީޕީގެ ސަރުކާރުގައެވެ.