ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މޫމިނާ ވަހީދު އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
އޭނާގެ ނަން މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށެވެ.
އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ ނަން ދިރާސާ ކުރަން ފޮނުވިއެވެ.
މައްސަލަ ދިރާސާކުރަން ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިންޓަވިއުއަކާ ނުލައި ނައިބު ރައީސް ކަމަށް މޫމިނާ އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކުރަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ)އެވެ.
އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު ފަޒީލްއެވެ.
އެޗްއާރުސީއެމްގެ ނާއިބުރައިސްކަމަށް މޫމިނާ އައްޔަން ކުރަން ރުހުންދޭން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މޫމިނާ އަކީ މިހާރުވެސް އެޗްއާރްސީއެމްގެ މެންބަރެކެވެ. އޭނާ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އަށެއް ސެޕްޓެމްބަރު 2020ގައެވެ.

