ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

ކަދުރު ބެހުމުގެ މަސައްކަތް މިއަދު ފެށިއިރު، މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީގައެވެ.

ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓި މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 20 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން 06 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ.

މީގެ އިތުރުން ޖަމުއިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމުއިއްޔާ ޖަމާއަތްތަކަށްވެސް ކަދުރު ދޭ ގޮތަށް މިފަހަރު ހަމޖައްސާފައިވާއިރު، އެކަމަށް ޝައުގުވެރިވާ ޖަމުއިއްޔާ ޖަމާއަތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ.

މި އަހަރު ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ.