އިންޑިއާގެ އައު ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާ ފޮރިން އެފެއާޒް މިނިސްޓަރު ހަލީލް މިއަދު ބައްދަލު ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި މިނިސްޓަރު ވަނީ ސަފީރަށް މަރުހަބާ ދަންނަވައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި، އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރައްވައިފައެވެ.
އެގޮތުން ދެ ގައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށް ދެމިް އަންނަ އެހީތެރި ކަމަށް ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު ވެސް މިނިސްޓަރު އަދާކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކައިގައި ދެ ގައުމަށް ފައިދާ ހުރި ކަންތައްތައް ހާސިލުކުރުމަށް ސަރުކާރާ އެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާއާއި އެމްބެސެޑާ އެޓް ލާޖް މުހައްމަދު ފަހުމީ ހަސަންއާއި އިންޑިއާ ޑިވިޝަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީއާއި ޑިރެކްޓާ އަޙްމަދު ސުޒިލް އަދި ޑިރެކްޓާ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނާ ކުމާރް ގޯރަވް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

