ފަންސާސް ފަސް ރަށެއްގެ ކައުންސިލު އިދާރާގެ އާ އިމާރާތް އެޅުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ.
ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ގުޅުންހުރި ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މި 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ނިންމިއެވެ.
ހާލަތު ދަށް ކައުންސިލް އޮފީސްތަކަށް އައު އޮފީސް ގާއިމުކޮށްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

