މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ހަމައެއާއެކު މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތައް ފައްޓަވައިދެއްވުމަށާއި ބައެއް ރަށްރަށުގައި ގާއިމުކޮށް ނިމިފައިވާ ހިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށްޓަކައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައިދެއްވުމާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ އެގާރަ ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.
ރައީސް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީީސް ރ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

