އަމިއްލައަށް އިސް ނަގައިގެން ތަރައްގީ ގެނައުމަށް ރަށްރަށުން ގެންގުޅޭ ވިސްނުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރ.ވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ވާދޫގެ ރައްޔިތުންނަކީ ތަރައްގީގެ ފަހި ވިސްނުމެއް ގެންގުޅޭ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި، އެ ވިސްނުމަށް އެމަނިކުފާނުގެ ސަރުކާރުން ތާއީދު ކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޓީސީސީއާއި ފިނޭންސް މިނިސްޓްރީ، އަދި އެސްޓީއޯ ގުޅިގެން، ބޮޑު ހިލައިގެ ޝިޕްމަންޓެއް ބަލްކް ކޮށް ގެނެސް، ރަށްތަކުގައި ހުއްޓިފައިވާ ރަށްގިރުމާއި، ބަނދަރުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ވާދޫގެ ރައްޔިތުން އެދޭ ފަދަ، ޒަމާނީ ބަނދަރެއް އެ ރަށުގައި ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އަދި ސްކޫލަށް ބޭނުންވާ އިތުރު ކޮމްޕިއުޓަރ ލެބާއި، ސްޓާފް ރޫމް ގާއިމު ކުރުމަށް ސަރުކާރުގެ ވުޒާރާތަކުން ކޮށްދެވެން ހުރި ކަންކަން ކުރިއަށް ގެންދަވާނެ ކަމަށާއި، ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް، ލެބޯޓްރީ ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ދަތުރުފުޅު ކުރެއްވުމުގެ އެންމެ މުހިންމު މަގްސަދަކީ، ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައި، އެކަންކަން ކުރުމުގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ފަހިކޮށްދިނުން ކަމަށެވެ.
ރައީީީީސް މިއަދު ރ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި 10 ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

