ބޯހިމެނުމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ހުންނަ ”ބޯހިމެނުން 2022“ ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ބޯހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމުގައި އެއްބާރުލުން ދިނުމަށް ބާރު އެޅުއްވިއެެވެ.

ނައިބު ރައީސް ވަނީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މައުލޫމާތުން ރާއްޖޭގެ ދުރު މުސްތަގްބަލަށް ގިނަ ކަންކަން ރޭވުމަށް ފަސޭހަތަކެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށްވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވަނީ ބޯހިމެނުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ކިޔެވުމުން ލިބޭ މަޢުލޫމާތާއި އެއްވަރަށް ޢަމަލީ ތަޖުރިބާލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގޮތުގައި ގިނައިން މަސައްކަތްކުރައްވަނީ ޒުވާނުންކަން ފާހަގަކުރައްވައި މި މަސައްކަތުން ލިބޭ ތަޖްރިބާއަކީ އެ ބޭފުޅުންގެ މުސްތަގްބަލަށް ލިބޭ މުހިންމު ތަޖްރިބާއެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ބޯހިމެނުމުގެ މަސައްކަތަކީ ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއްވެސް އެބާރުލުންދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.