ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އަނގޮޅިތީމުގެ ކައުންސިލް އިދާރާގައެވެ.
މި މިބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލުން ވަނީ، ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ މަސައްކަަތާއި، ފިޓުނަސް އެންޑް ރިކުރިއޭޝަން ސެންޓަރުގެ މަސައްކަަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ޓީ-ޖެޓީގެ މަސައްކަތް ފައްޓަވައިދެއްވައި، ވިސިޓާސް ސެންޓަރގެ ނުނިމިހުރި ކަންކަން ނިންމަވައި ދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގަންނަވާފައެވެ.
މީގެއިތުރުންވެސް، ރަށު ސުކޫލުގެ ޖާގައިގެ ދަތިކަމާއި، މަލްޓި ޕާރޕަސް ހޯލެއް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. ހަމަ އެއާއެކު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އަނގޮޅިތީމުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

