މި ހިނގާ އަހަރަކީ ރ.ރަސްގެތީމުގެ ތަރައްގީގައި ހަގީގީ ކުލަ ޖައްސައިދޭނެ އަހަރެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރަސްގެތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީީސްގެ ވާހަކަފުޅުގައި، ރަސްގެތީމުގައި ހިންގުމަށް ވައުދުވެވަޑައިގެންނެވި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

”އަދި ހަމަ އެއާއެކީގައި، ސްކޫލުގެ ޖާގަ އިތުރުކުރުމަށްޓަކައި އަޅުގަނޑު ވަޢުދުވީ ގޮތަށް، ކްލާސްރޫމާއި، ހޯލުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ކޮށްދީ ނިންމައިދިނުމަށް. ހަމަ އެއާއެކީގައި، ކުޅިވަރުގެ ދާއިރާއިން، ފުޓްސަލް ދަނޑާ ގުޅިފައިވާ މަސައްކަތްތަކާއި އަދިވެސް އެފަދަ ގިނަ ކަންތައްތައް.“ ރައީސް ވިދާޅުވިއެވެ.

ގިނަދުވަސްތަކެއް ވަންދެން ރަސްގެތީމުގައި ނުކުރެވި ހުރި ކަންކަން މިއަހަރު ނިމިގެންދާއިރުގައި ހައްލުކުރެވި، އުފާފާގަތިކަން ލިބި، ކުރިއެރުންތައް ލިބިގެންދިޔުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

”ރަސްގެތީމުގެ ތަރައްގީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަންކަމަކީ، އަޅުގަނޑަށް ހަމަ އެހެން ކޮންމެ ރަށެކޭވެސް އެއްފަދައިން، އެއް ފެންވަރެއްގައި، އެއް އިސްކަމެއް ދެވޭ ކަންކަން. އެހެންވީމާ، އެގޮތުން ހަމަ އެ ކަންކަން ކުރިއަށް ގެންދާނަން.“ ރައީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ، ދެން ރަސްގެތީމަށް ވަޑައިގަންނަވާނީ، އެ ރަށުގައި ހިންގާ ގިނަ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ކަމުގައިވެގެން ދިޔުމަކީ އުއްމީދެއް ކަމަށެވެ.