މާޅޮސްމަޑުލު އުތުރުބުރީގެ ތަރައްގީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށާއި، ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރް.ޓީ.އެލް)ގެ ހިދުމަތް ދެން އެންމެ އަވަހަށް ގާއިމުވެގެންދާނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން، މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށްޓަވާނެ ކަމަށް ރައީސް ރޭ ވަނީ އިއުލާނު ކުރައްވާފައެވެ.

ރ. އުނގޫފާރު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ.

މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްގީގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް އުނގޫފާރު ވެގެންދާނެ ކަމުގެ އުންމީދު، ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވި ކަމުގައި ވީ ނަމަވެސް، މޫސުމީ ގޮތުން ފުރުސަތު ފަހިވުމާއެކު ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.