މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަނު ކޮށްފިއެވެ.

ބްރޯޑްކޮމްއިން ރޭ ވަނީ އެ ދެ ބޭފުޅުން މަގާމަށް އައްޔަނު ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބްރޯޑްކޮމަށް މެންބަރުން އައްޔަނު ކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ސަރާހަތު މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ދެއްވިއެވެ.

ފިލްމު ޕްރޮޑިއުސަރު މުހަންމާ އައްޔަން ކުރުމަށް ފެންނަކަމަށް 58 މެމްބަރަކު ވޯޓު ދެއްވައިފައިވެއެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މިދިޔަ މަހު ހަމަވެފައިވާއިރު އެ މަގާމަށް ކުރިަމތިލުމަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި އިރު ލިސްޓު އޮތީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.

އެގޮތުން އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ މުހައްމާ އަދި އިބްރާހިމް މުއާޒު އަލީ (މުއާ) ގެނަމެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވައިލީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.