ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ޖެނިން ސިޓީގައި އިޒްރޭލުގެ ހައްދުފަހަނައަޅަފައިވާ ޔަހޫދީން ވަނީ ”އޮޕަރޭޝަން އަޔަން ވޯލް“ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ.
މި އޮޕަރޭޝަނުގެ ދަށުން ޖެނިން ސިޓީން 10 މީހަކު ޝަހީދުކޮށްލާފައިވާއިރު، ޔަހޫދީންގެ ބަޑީގެ ހަމަލާތަކުގައި ޒަހަމްވި މީހުންނަށް އެހީވުމަށް އަންނަ އެމްބިއުލާންސްތަކަށް ވެސް، ހުރަސް އަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖެނިންގައި ފެށި އޮޕަރޭޝަނުގައި އިޒްރޭލުން ދަނީ މިލިޓަރީ ބުލްޑޯޒަރާއި، ހެލިކޮޕްޓަރާއި، ސިފައިންނާއި ޑްރޯން ވެސް ބޭނުންކުރަމުންނެވެ.
ޖެނިންގެ އަލް-ރާޒީ ހޮސްޕިޓަލުގެ ޑިރެކްޓަރު، ފައްވާދު ހައްމާދު ވިދާޅުވީ، ޒަހަމްވުމުގެ ސަބަބުން އެ ހޮސްޕިޓަލަށް ގެންނަ މީހުންގެ އަދަދު ބަޔާން ކުރަން ދަތިކަމަށާއި، އެހައި ވެސް ގިނަ މީހުން އެތަނަށް ގެންނަމުންދާ ކަމަށެވެ.
”އެ މީހުންނާ ހަމައަށް އެމްބިއުލާންސަށް ވެސް ނުދެވޭ.“ އޭނާ ވިދާޅުވިއެވެ.
ޖެނިން ރެފިއުޖީ ކޭމްޕުގައި ހިންގާ އަސްކަރީ ހަރަކާތަކީ، ”ޓެރަރިޒަމް“ ހުއްޓުވުމުގެ ހަރަކާތެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

