ރ.އުނގޫފާރުގައި 500 ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ.އަތޮޅަށް އެމަނިކުފާނު ފައްޓަވައިފައިވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އިއްޔެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ އުނގޫފާރަށެވެ.
ރޭ، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުނގޫފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށެއް ކަމަށާއި، އެ ރަށުގައި 500 ހައުސިން ޔުނިޓު އަޅުއްވާނެ ކަމުގައެވެ.
ހަމަ މި ފަދައިން ރަށުގެ ތައުލީމީ ދާއިރާއަށް ބޭނުންވާ ތަރައްގި ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އަރބަން ސެންޓަރެއްގެ ފެންވަރުގައި ރަށް ތަރައްފީވެގެން އަންނައިރު، 1 ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް ތައުލީމީ ދާއިރާއަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަ މިއާއެކު ރަށުގެ ސިއްހީ ދާއިރާއަކީވެސް އެންމެ މަތީ ފަންތީގައި ހިދުމަތްދޭ ދާއިރާއަކަށް ހެއްދެވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އެ ގޮތުން، 3 އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދުގެ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި، ކުޑަ ރަށެއް، ބޮޑު ރަށެއް ފަރަގު ކުރުމެއް ނެތި، ޒިންމާދާރު ކަމާއެކު ތަރައްޤީ ހޯއްދަވައިދެއްވުން ކަމުގައި ވާހިނދު، ރ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްގީގެ ކަންކަން ހަމަޖައްސަވައިދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިމެނިފައި ނެތް ނަމަވެސް، ރ. ދުވާފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ހަލުވި ދުވެލީގައި މިހާރުވެސް ކުރިއަށް ދާ ކަމަށާއި، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިދުމަތް ދެވެން ފެށޭނެ ކަމަށް ރައީސް ރޭ ވަނީ އިއުލާނުކުރައްވާފައެވެ.

