ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ހުޅުދުއްފާރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހުޅުދުއްފާރުގައެވެ.
މިއަދުގެ ބައްދަކުރެއްވުމުގައި ކައުންސިލަރުންވަނީ ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވާފައެވެ.
އެގޮތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށަށް ދަނާލެއް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
އަދި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، މަގު ހެދުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، ބަނދަރުގެ ބޭރުތޮށި ބޭނުން ކުރެވޭ ގޮތަށް ހައްދަވައިދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި، އަސާސީ ވަޞީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަ ކުރައްވައި، އެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ކުރުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުވެސް ރައީސް ކައުންސިލުން ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައެވެ.
އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

