ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރަސްމާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރަސްމާދޫގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ، މުހިންމު ކަންކަން ރައީސްއާއި ހިއްސާ ކުރައްވާފައެވެ.
އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ރަށުގެ ފެންބޮޑުވާ ސަރަހައްދު ތަކުގައި، ފެންހިންދާ ނިޒާމެއް ގާއިމު ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ކައުސިލުން ވަނީ ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށްދެއްވައި، ރަށުގެ މޫދަށް އެރޭ ސަރަހައްދު ރައްކާތެރި ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
އަދި ރަސްމާދޫ ސުކޫލުގައި ބިނާކުރަމުންދާ އައު އިމާރަތުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
ރަސްމާދޫ ކައުންސިލާ، އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކޮށްލެއްވުމުގެކުރިން އެމަނިކުފާނު ވަނީ އެރަށުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

