ޖަމުއިއްޔާތަކުގެ ރަޖިސްޓްރަރއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތައް އެކްޓިވް ކުރުމަށް، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް ދިނުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

އިތުރު ފުރުސަތު ދިނުމަށް ފުރަތަމަ ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމުއިއްޔާ އަށެވެ.

މިގޮތުން ލިޔެކިއުންތައް ހުށަހެޅުމަށް 6 މަސް ދުވަހުގެ (20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00)ގެ ނިޔަލަށް ވަނީ މުއްދަތު ދީފައެވެ.

އިތުރު ފުރުސަތުދެވޭ ފުރަތަމަ 55 މަދަނީ ޖަމުއިއްޔާގެ ލިސްޓް އާންމުކޮށްފައިވާއިރު މި މުއްދަތު ތެރޭގައި ޖަމުއިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމުއިއްޔާތައް ގާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެހެންކަމުން އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން، ޖަމްއިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމިއިއްޔާތަކުން ލިޔުންތައް cso@youth.gov.mv އަށް އީމެއިލް ކުރުމަށް ޔޫތު މިނިސްޓްރީން އެދެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 4000488، 4000497 ނަމްބަރު ފޯނަށް ގުޅުމަށް ވެސް މިނިސްްޓްރީން ވަނީ އެދިފައެވެ.