ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވަނީ މި އަހަރު ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރިއަށް އުއްމީދު ކުރަންވީ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައްޔިތުންނަށް ވަރަށްގިނަ އުފާވެރި އުއްމީދީ ކަންތައްތަކެއްގެ ވާހަކަ ހިއްސާކުރައްވާފައިވެއެވެ.

އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި އެކި ރަށްތަކަށް އެންމެ ބޭނުން ޖެހިފައިވާ ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލްތަކަށާއި ރައްޔިތުންނަށް ރައީސް ދެއްވާފައިވެއެވެ.

މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ގާއިމުކޮށް ނިމިފައިވާ ހިދުމަތްތައް ރައީސް އިފުތިތާހުކޮށްދެއްވިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަށްރަށަށް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވައިފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށްޓަކައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެ މަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި އެކިއެކި ވަޒީރުން ބައިވެރިކުރައްވާ ސަބަބު ހިއްސާކުރެއްވިއެވެ. އެ ގޮތުން އެ މަނިކުފާނުގެ ދަތުރުފުޅުތަކުގައި ރަށްރަށުގެ މަޝްރޫޢުތަކާއި އެންމެ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުން ބައިވެރިކުރައްވަނީ ރަށްރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންފުޅުވާތީ ކަމަށާއި އެ ގޮތުން ރަށްރަށުގެ ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަ ދެކެވިގެން، މައްސަލަތައް ހައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެގޮތާއި ނަތީޖާއާ ހަމައަށް ވާޞިލުވެވޭނެގޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާގޮތްކަން ހާމަކުރެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.