ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށާއި، މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ހިދުމަތް ދޭނެ އެއް ޔުނިޓް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ރައީީސް ދެއްވާފައި މި ވަނީ، މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރ އަތޮޅުގައި ޕަބްލިކް ވަރކްސް ހިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ މާކުރަތުގައިކަން ރައީީސް ވަނީ އިޢުލާންކުރައްވާފައެވެ.

ތަރައްގީއަށް ހިންގާ ގިނަ މަޝްރޫއުތަކެއްގެ ދުރު ރާސްތާއަށް ބަލާއިރު އެފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި ޕަބްލިކް ވަރކްސް ހިދުމަތަކީ އިންތިހާއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި ބޭކާރުވެގެންދާ ހަރަދެއް ނޫން ކަމަށެވެ.

ދުރު ރާސްތާއަށް ބަލާއިރު، އުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްގީ ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ހަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ހިދުމަތް ދިނުމަށްޓަކައި އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފައެވެ.

މި މަސައްކަތްތަކަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުން ހަރަދު ކުރައްވައިގެން ކުރިއަށް ގެންދަވާނެ މަސައްކަތްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރ. މާކުރަތުގެ ތަރައްގީއަށް ހާއްސަކޮށް ކޮށްދެއްވާނެ ކަންކަން ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

ރަށުގެ ތަރައްގިކގައި ހަގީގީ ކުލަޖެއްސުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެކި ސަބަބުތަކާ ހެދި މިކަންކަން ނުވެ ހުރި ކަމުގައި ވީ ނަމަވެސް، ރައްޔިތުން އެދޭފަދައިން ކަންކަން ކުރިއަށް ގެންދަވައި، ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އެގޮތުން ބަނދަރުގެ މައްސަލައާއި، ރަށް ގިރުމުގެ މައްސަލަވެސް ހައްލުވާ ގޮތަށް އެ މަޝްރޫއު ފުރިހަމަކޮށް ކުރިއަށްގެންގޮސްދެއްވައި، ޕަބްލިކް ވަރކްސް ސައިޓް ގާއިމުކުރުމަށް ފެށިފައި އޮތް މަސައްކަތް، ރައްޔިތުން އެދޭ ފެންވަރަށް މި އަހަރު ތެރޭގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.