ލިބޭ ހުސް ވަގުތުތަކުގައި ޓީވީ ބެލުމަކީ ބައެއް މީހުން ވަރަށް ފޯރި ހުންނަ ކަމެކެވެ. ނެޓްފްލިކްސްއިން އެކި އެއްޗެހި ބަލައި ފޫހި ނުވާ މީހުންވެސް މަދެއް ނޫނެެވެ. މިއޮތީ ޓީވީއަށް ދެވި ހިފާފައިވާ މީހުންނަށް ވަރަށްވެސް ހިތާމަވެރި ޚަބަރެކެެވެ. މާގިނައިން ޓީވީ ބެލުމަކީ ހަނދާން ބަލިވާ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ހާމަވެެފައެވެ.

Ads by Asuru

ގިނައިން ޓީވީ ބެލުމުން ލިބޭ ގެއްލުންތައް ދެނެގަތުމަށް ޔޫކޭގައި ހެދި މި ދިރާސާގައި 3،000އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެެއެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން 50 އަހަރަށްވުރެ މަތީ މީހުންނެވެ.

2008 އަދި 2009 ވަނަ އަހަރާ ދެމެދު ހެދި މި ދިރާސާއިން ހާމަވީ، ދުވާލަކު ތިންގަޑިއިރާއި ބަޔަށްވުރެ ގިނައިރު ޓީވީ ބެލި މީހުން، އެހެން މީހުން ދައްކާ ވާހަކަތައް ފަސޭހައިން ހަނދާން ނެތުމުގެ މައްސަލަ ދިމާވާކަމެވެ. މިހެން މިކަން ދިމާވަނީ ޓީވީން އެ ފެންނަ ޕްރޮގްރާމެއް ނުވަތަ ފިލްމެއްގައި ހިނގި ކަމަކާމެދު ވިސްނި، އެހެން ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުމުގެ ސަބަބުން ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

ގިނައިން ޓީވީ ބެލުމުގެ ސަބަބުން އެހެން ގެއްލުންތައްވެސް ލިބެއެވެ. ކަސްރަތު ކުރުން ފަދަ ފައިދާ ހުރި އެހެނިހެން ހަރަކާތްތަކަށް ތިބާއަށް ވަގުތު ހުސް ނުކުރެވުމާއި، ޓީވީ ބަލަން އިންނައިރު ގިނައިން ކެވި ފަލަވުންފަދަ ކަންކަންވެސް ދިމާވެދާނެއެވެ.