ހިރިޔާ ސްކޫލްގައި ފުޓްސަލް މެޗެއް ކުޅެމުންދިޔަ ބެލެނިވެރިޔަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކުރި ކުޅިވަރު ހަރަކާތެއްގައި މިރޭ ކުޅެވުނު ފުޓްސަލް މެޗެއް ނިމުނު ފަހުން ދަނޑުމަތީ އޮށޯތް ބެލެނިވެރިޔަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވިގެން ވަގުތުން ކައިރީގައި ހުރި އައި.ޖީ.އެމްއެޗަށް ގެންދެވުނުކަން ސްކޫލުގެ ފަރާތުން މިނިސްޓްރީ އަށް ވަނީ އަންގާފައި ކަމަށެވެ.
”މި ބެލެނިވެރިޔާ ނިޔާވެފައިވާކަން ހިތާމަތާއެކު ދަންނަވަމެވެ. މިކަމުގައި އާއިލާ އާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މި މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދެމުން ގެންދާނެއެވެ.“ އެޑިއުކޭޝަނުން ބުންޏެވެ.
ނިޔާވި ބެލެނިވެރިޔާގެ އާއިލާއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ވަނީ ތައުޒިޔާ ދަންނަވައިފައެވެ.
ނިޔާވީ އުމުރުން 56 އަހަރުގެ ބެލެނިވެރިއެއްކަމަށް މައުލޫމާތު ލިބެއެވެ.

