ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފައިނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި، ފައިނުގައި އެއާރޕޯޓެއް އެޅުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޭނުންވާކަމުގައި ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ ފައިނު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރަށުގެ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ރައީސްއާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރަށުގެ ރައްޔިތުންނަށް އެއްރަށުން އަނެއްރަށް ދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ދަތުރުފަތުރުގެ ނިޒާމެއް ތަރައްގީ ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އަދި ބަނދަރު ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކައުންސިލުންވަނީ ރަށުގެ ސުކޫލާއި، ފެނާއި ނަރުދަމާ ނިމިފައިވާތީ އެކަމަށް ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި، ރައީސް މުއިއްޒު ވަނީ ރޭ މާލެ ވަޑައިގަންނަވައިފައެވެ.