ކުޑަކުއްޖަކު ކުޑަދޮރަކުން ނުވެއްޓި ކިރިޔާ ސަލާމަތްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެއްޖެއެވެ.

ވީޑިއޯ އިން ފެންނަނީ މާލޭގެ އިމާރާތެއްގެ 05 ވަނަ ފަންގިފިލާގެ ކުޑަ ދޮރަކުން ކުޑަ ކުއްޖަކު ނުކުންނަން މަސައްކަތް ކުރާ މަންޒަރެވެ.

ފަހުން އެ ކުއްޖާ އެޕާޓްމަންޓް ތެރެއަށް ފައިބާ މަންޒަރު ވެސް ފެނެއެވެ. ވީޑިއޯ އަށް ކޮމެންޓް ކުރި މީހުން ބުނީ، އުމުރުން 04 ވަރަކަށް އަހަރުވާނެ އެ ކުއްޖާ ވެއްޓެން އުޅުނުހެން ހީވުމުން، ވީޑިއޯ ބަލަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެން ކަމަށެވެ.

ފުލުހުން ބުނީ، މި ވީޑިއޯ އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި ވީޑިއޯ ދައުކުރުން ހުއްޓާލައި ވީޑިއޯ ރިމޫވްކޮށްލަން އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށާއި، ދިވެހި ފުލުހުންގެ ހިދުމަތުން މި ގެންދަނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް ވެސް ބުނެފައިވެއެވެ.

”މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެވެ. އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށްވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބްލް މީހުން، ޓްރިގަރވެ، އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެކަމަށް އަޅުގަނޑުމެން ދެކެމެވެ.“ ފުލުހުން ބުންޏެވެ.

މިފަދަ ފޫޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް ވެސް ފުލުހުން ވަނީ ގޮވައިލައިފައެވެ.

”އެއްވެސް ފަރާތަކުން މި ވީޑިއޯ ޝެއާކޮށްފައިވާނަމަ އެ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަމެވެ.“

ފުލުހުން ބުނީ، މި ހާދިސާ އާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މައުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ހިދުމަތުގެ 3322111 އަށް ގުޅައި، ހިއްސާކުރަން އެދިފައެވެ.