އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ދަމަހައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ.

އަދި އިންޑިއާ އާއެކު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ދަނީ ކުރައްވަމުންނެވެ. އެމަނިކުފާނު ދެ ފަހަރު އިންޑިއާ އަށް ދަތުރުފުޅު ކުރައްވައިފައިވެސް ވެއެވެ.