ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން އެކި ގައުމުތަކަށް ބަހާލުމަށް، އެމެރިކާ އިން ގެންގުޅޭ ސިޔާސަތާ އިސްލާމީ ގައުމުތަކުން ދެކޮޅު ހަދަން ޖެހޭ ކަމަށް ޝެއިހު އަހުމަދު ސަމީރު ގޮވައިލައްވައިފިއެވެ.
ޝެއިހު ސަމީރު މިގޮތަށް ވިދާޅުވިއިރު، ޣައްޒާގައި ތިބި ފަލަސްތީނު ހުރިހާ އެންމެން ޣައްޒާއިން ބޭރުކޮށް ޣައްޒާ ހުސްކުރަންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.
އޭނާ މިކަން ހާމަކުރީ އެއާފޯސް ވަންގައި ހުރެ، ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ޓްރަމްޕް ބުނީ އެކަމާ މިހާތަނަށް އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ ދެވަނަ އާއި އިއްޔެ މަޝްވަރާ ކުރެވިފައިވާކަމަށާއި މިސްރުގެ ރައީށް އަބްދުލް ފައްތާހް އަލް-ސީސީއާއި ވާހަކަ ދައްކާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝެއިހު ސަމީރު ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ރަށުން ބޭރުކޮށް އަވައްޓެރި ގައުމުތަކަށް ބަހާލަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު އިއުލާނުކުރި ޔަހޫދީ ސިޔާސަތަކީ މުޅި އިސްލާމީ އުއްމަތް އެޔާ ދެކޮޅުހަދާކަން ފާޅުގައި އިއުލާނު ކުރަންޖެހޭ ސިޔާސަތެއް ކަމަށެވެ.
އެމެރިކާގެ ރައީސްކަން ކުރެއްވި ފުރަތަމަ ދައުރުގައިވެސް ޑޮނަލްޑް ޓްރަމްޕްވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް، ފަލަސްތީނުގެ ނުރުހުމުގައި، ޔަހޫދީން އެދޭ ގޮތަށް ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްދީފައެވެ.

