ކައުންސިލުތަކުން އިގްތިސާދީ މަސައްކަތް ކޮށްގެން އާމްދަނީ އިތުރުކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ އުސޫލުގެ ދަށުން ހަތަރު ފަޅުރަށެއް ކައުންސިލްތަކާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން، މިކަމަށްޓަކައި މިއަދު ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.

ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެކެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ ބިމުގެ ތަނަވަސްކަން ކުޑަ ރަށްތަކަށް އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމަށާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.

ސަރުކާރުން މިއަދު ވަނީ ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގައްޔާއި، ފެންފުށި، ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ އަދި ލ. މާވަށު ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅަލި ހަވާލު ކުރައްވައިފައެވެ.

މި ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރުމަށް ސިޓީސް، ލޯކަލް ގަވަނެންސް އަދި ޕަބްލިކް ވޯކްސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ކައުންސިލްތަކާއެކު ވަނީ ސޮއިކޮށްފައެވެ.

މިއީ ރާއްޖޭގެ އެންމެ އަގު ބޮޑު އެސެޓްތައް ލާމަރުކަޒުކުރެވި ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މީގެ ތެރެއިން 28 ރަށެއް ކަނޑައެޅި އެ ރަށްތައް އެވަނީ ރައްޔިތުންނަށް ދޫކޮށްލެވިފައެވެ.

އެ ރަށްތަކާމެދު އަމަލުކުރާނެ ގޮތް ކަނޑައަޅައި އެ ރަށްތަކުގެ މަންފާ ސީދާ ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންގެ ސީދާ މަންފާއަށް އެ ވަނީ ހާއްސަކުރެވިފައެވެ.

މިއީ، ކައުންސިލްގެ އިހްތިސާސުން ބޭރުން، ފަޅުރަށްރަށް ކައުންސިލްތަކަށް ދޫކުރެވޭ އެންމެ ފުރަތަމަ ފަހަރެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި ދައުލަތުގެ ވަސީލަތްތައް ލާމަރުކަޒުކުރެވި، ކައުންސިލްތައް ބާރުވެރިކުރެވޭ ފުރަތަމަ ފަހަރުވެސް މެއެވެ.

ކައުންސިލްތަކަށް ފަޅު ރަށްތައް ހޯދުމުގެ ފުރުސަތު މިހާރު ވެސް ހުޅުވިފައި އޮތްއިރު،  ރައްޔިތުންނާ އެކު އިސްނަގައި މި ފުރުސަތުގެ ބޭނުން ހިފުމަށް އަވަސްވުމަކީ ރައީސްގެ އުއްމީދު ކަމަށް ސަރުކާރުން ވިދާޅުވެއެވެ.