ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މަގުތައް ސާފުކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ، ވެމްކޯއިން ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

އެގޮތުން މަގުތަކަށް އުކާފައިހުންނަ ކުނިތައް ނަގައި މަގުތައް ސާފުކުރުމަށްވަނީ ނިންމާފައެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ 2025 ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހަކީ، ހުރިހާ ރައްޔިތުން އަޅުކަމާގެން މަސްއޫލުވެގެންއުޅޭ މަހެއް ކަމަށާއި އެހެން ކަމުން، މާލޭގެ މަގުތަކާއި ގޯޅިތަކާއި ހުސްބިންތަކާއި ޕާކުތައް ސާފުތާހިރުކޮށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި މަގުތައް ރީތިކޮށް ބޭއްވުމަށް، ކައުންސިލުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

”މި މަސައްކަތުގައި ވެމްކޯއާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމީ، މާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން.“ މޭޔަރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރޭގައި މަގުތަކަށް އުކައިފައި ހުންނަ ކުންޏާއި ބާ ވެހިކަލްތައް ނެގުމާއި، އަދި މަގުތަކުގެ ކާނުތައް ސާފުކުރުން ހިމެނެއެވެ. މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ ޔުނިޓުން ވަނީ ހާއްސަ ޓާސްކްފޯހެއް އެކުލަވައިލައިފައެވެ.

ރަމްޟާންމަހަކީ އާއްމު މަސްމަހަށް ވުރެ ކުނިބުނިތައް އިތުރުވާނެ މަހަކަށްވާތީ، މަގުތަކަށް ކުނި ނެއެޅުމަށާއި މާލެ ސާފުކޮށް ބޭއްވުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް މާލެ ސިޓީކައުންސިލުން އިލްތިމާސް ކުރައްވައެވެ.