ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރަން ފެށި ”ދަ ގާޑަންސް“ ޕްރޮޖެކްޓް ނިންމުމަށް އެކި ފަހަރު މަތިން މުއްދަތު ދިނުމުން ވެސް އެކަން ނުވުމުން، އެއްބަސްވުން އުވާލުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، އެ ކުންފުންޏަށް އެންމެ ފަހުގެ ނޯޓިސް ދީފިއެވެ.
ޖާހު އިންވެސްޓްމަންޓުން އެ މަޝްރޫއު ފެށީ 2017 ވަނަ އަހަރުގައެވެ.
ނަމަވެސް މިއަދާ ހަމައަށް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވާކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންވެ، އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، އެޗްޑީސީގެ ބޯޑުން ނިންމައި، އެ ނޯޓިސް ވަނީ މިއަދު އެ ކުންފުންޏަށް ފޮނުވައިފައެވެ.
މި ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނެގުމަށް އެޗްޑީސީގެ ބޯޑުން ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނިގޮތުގައި، އެ ކުންފުނިން މި ފިޔަވަޅު އަޅާފައި ވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހި ކުރުމުގެ ގޮތުންނެވެ.

