އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އުމުރުން 17 އަހަރުގެ އާމިނަތު އިލްމާ ތަލްހަތު އާއި އެދަރިވަރުގެ ބެލެނިވެރިޔާއާއި ބައްދަލުކުރައްވައިފައެވެ.
އިލްމާ ކީރިތި ޤުރުއާން ހިތު ދަސްކޮށް ނިންމާފައިވަނީ 2025 ޖަނަވަރީ 12 ވަނަދުވަހުގައެވެ.
އިސްލާމިކް މިނިސްޓަރު ވަނީ، ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އަލްޙާފިޡް ޒަލަފް ބިން ނާފިޢުއާ ވެސް ބައްދަލުކުރައްވައިފައެވެ.
އިސްލާމިކް މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ އަލްޙާފިޡް ޒަލަފް ހޯދެއްވި ކާމިޔާބީއަށް މަރުހަބާ ދަންނަވައި، ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވައި ހިތްވަރު ދެއްވާފައެވެ.
އަދި ޒަލަފްގެ މި ކާމިޔާބީއަކީ ގައުމަށް ލިބުނު ފަޚުރެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިކަމަށް މިނިސްޓްރީން ބުނެއެވެ.
ޒަލަފް ބިން ނާފިޢު ޙާފިޡް ކަމުގެ ސަނަދު ހާސިލްކުރީ 12 ޖަނަވަރީ 2025 ގައެވެ.
ޒަލަފް ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވަނީ 15 ދުވަސްތެރޭ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔުއްވާ 1 ވަނަ ދަރަޖައިގައި ފާސްވެގެންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެކެވެ.
ޤުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުންދޭ އިނާޔަތް ދެގުނައަށް ބޮޑު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މީގެ އިތުރުން، މި އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެކަމުގައި ހައްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

