މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިއަދު ބައްދަލުކުރައްވައި، ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަޤުރީރެއް ދެއްވުމަށް އެ ޤައުމުގެ ސަރުކާރުން ފޮނުއްވި ދައުވަތު ހަވާލު ކުރައްވައިފިއެވެ.

މޮރޮކޯގައި ރަމަޟާންމަސް އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ ’ހަސަނީ ފިލާވަޅު’ އަކީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ މޮރޮކޯގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ.

މި ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ، ސެޝަންތަކެއްކަން ފާހަގަކޮށްލެވެއެވެ.

މި ބައްދަލުކުރެއްްވުމުގައި މިނިސްޓަރު ވަނީ މޮރޮކޯގެ އެމްބެސެޑަރ އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ދިވެހިރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ޝަހީމް ވަނީ އަރުއްވާފައެވެ.

އަދި މޮރޮކޯއިން އިމާމުން ތަމްރީނު ކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.