ހއ. ފިއްލަދޫއަކީ ބިން ބޮޑު އަދި ސަރަހައްދީ ގޮތުންވެސް ގިނަ ބަޔަކަށް ފައިދާތަކެއް ލިބޭނެފަދަ ސަރަހައްދެއްގައި އޮތް ރަށެއްކަން ފާހަގަކުރައްވައި، އެރަށަކީ ތަރައްގީގެ ފުރުސަތު ވަރަށް ބޮޑު ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފިއްލަދޫގެ ތަރައްގީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަން ފާހަގަކުރައްވާފައެވެ.

މިގޮތުން މި ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށްވެސް މުހިންމު ރަށެއްގެގޮތުގައި އެމަނިކުފާނު ފިއްލަދޫ ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފިއްލަދޫގެ ތަރައްގީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ފިއްލަދޫއަށް ބޭނުންވާ ތަރައްގީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާ ކަމުގައި ވިދާޅުވެ މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތުވެސް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.