ހއ.ދިއްދޫގައި 200 ހައުސިން ޔުނިޓު އެޅުމަށް ކޮންޓްރެކްޓަރުން ހޯދަން މި ހަފްތާގައި އިއުލާނު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ.ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެވުމަށް އެމަނިކުފާނުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، މި އަހަރަށް ކަނޑައެޅިފައިވާ ބަޖެޓަކީ ”ބޯހިޔާވަހިކަމުގެ ބަޖެޓު“ ކަމަށެވެ.
މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެކި ރަށްތަކުގައި، އެ ރަށަކަށް އެކަށީގެންވާ ވަރަށް ހައުސިން ޔުނިޓުތައް އެޅުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ތެރޭގައި ގާތްގަނޑަށް 12،000 ހައުސިން ޔުނިޓު އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިއްދޫ އެއާޕޯޓު މަޝްރޫއު ހިންގުމަށް ބިން ހިއްކަން ފެށުމާއެކު، އަދި އިތުރަށް ވެސް ބިން ހިއްކާނެ ކަމަށާއި، ކުރިއަށް އޮތީ އެ ރަށުގައި އިތުރު ހައުސިން ޔުނިޓު އެޅުމުގެ ދުވަސްތައް ކަމަށެވެ.
ރައީސް ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ވިސްނުމާއެކު، ތައުލީމީ، ސިއްހީ އަދި ކުޅިވަރުގެ ދާއިރާ އިން ވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.

