ހއ. ތަކަންދޫގައި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުމާއި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތަކަންދޫގައި ކުރިއަށްގެންދެވުނު މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވައި، އެތަނުގެ ދިދަ ނަންގަވައިދެއްވިއެވެ.

އަދި އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުގެ އިތުރުން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފެ ދަށުން، ފާއިތުވި އަހަރު ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ގާއިމުކޮށް، ހިދުމަތް ދޭން ފަށާފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށުމެވެ.

 

ޖާގައިގެ ދަތިކަން ހުރި ކައުންސިލްތަކަށް އައު އޮފީސް އިމާރާތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. މިގޮތުން ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްފައިވެއެވެ.