ސަރުކާރުން ރާއްޖޭގެ 57 ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫޢުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންމާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިނގ އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހުގެ ތެރޭގައި އިއުލާނު ކުރާނެއެވެ.

ޕްރީ-ކޮލިފިކޭޝަނަށް ދައުވަތު ދިނުމަށް މެއިލިންގ ލިސްޓުގައި ހިމެނުމަށް އެދޭ ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ބީލަންވެރިން، ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި މެއިލަށް tender@finance.gov.mv މެއިލް ކުރަން މިނިސްޓްރީން އެދިފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުގެ ދަށުން ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓާއި ދެކުނުގައި 20،000 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އޭގެ ތެރެއިން 1 ބިލިޔަން ރުފިޔާ ހާއްސަކޮށްފައި ވަނީ އުމްރާނީ ތަރައްގީއަށެވެ.