ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ ތަރައްޤީގެ ދުވެލީގައި ބައިވަރު މަސައްކަތްތަކެއް ހިނގަމުންދާނެ ދުވަސްތަކަކަށް ކަމުގެ ޔަޤީންކަން، ރައީސް ޑރ.މުހައްމަދު މުއިއްޒު، ހއ. މާރަންދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މާރަންދޫގެ ރައްޔިތުންނަށް މި ޔަގީންކަން ދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ މިއަދު މެންދުރު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެއީ ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ބަނދަރާއި ރަށްގިރުމުގެ މައްސަލަކަމުގައި ވީ ނަމަވެސް، ޢުމްރާނީ ކަންކަން ކަމުގައިވިޔަސް، ކުނި މެނޭޖުކުރުމާއި، އިޖުތިމާއީ، ސިއްހީ އަދި ތައުލީމީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ހަގީގީ ކުލަ ޖައްސަވައިދެއްވައި، ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.
ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ހިނގާ 2025 ވަނަ އަހަރު، މި ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވުމަކީ ސަރުކާރުގެ ޕްލޭން ކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ފަށައި، ހުއްޓިފައި ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ މަގުތައް އަދުގެ ސަރުކާރުން ހޯއްދަވާފައިވާ ކަމަށާ، އެކަންކަންވެސް ކުރިއަށް ގެންދަވާނެ ކަމުގައެވެ.
އެގޮތުން ރަށުގެ ބަނދަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ. މާރަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

