ޓޫރިޒަމް ވިޔަފާރިން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން، މިދިޔަ މަހެއްހާ ދުވަހު 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ވަރަށް މަދު ރިސޯޓުތަކެއް ފިޔަވައި ޖުމުލަކޮށް މުޅި ރާއްޖޭގައި އޮޕަރޭޓުކުރާ ގިނަ ރިސޯޓުތަކުން އެ ގާނޫނަށް ތަބާވާ ކަމަށެވެ.

”މިހާތަނަށް ވެސް އެމްއެމްއޭގެ ގަވަރުނަރު އެންމެފަހުން އަޅުގަނޑަށް ދިން މައުލޫމާތު، އެއީ މިދިޔަ ހޯމަ ދުވަހު ދިން އަޕްޑޭޓުގައި ވެސް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ އެއްވެސް ވިޔަފާރިވެރިޔަކަށް އިސްތިސްނާއެއް ނުދޭނެ ކަމަށެވެ.

ކޮންމެ ރިސޯޓެއް ކަމުގައިވިޔަސް، އަދި އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޑޮލަރު މާރު ކުރުމުގެ ގާނޫނު ރަނގަޅަށް ތަންފީޒުކުރަމުން ދިޔުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ފަސޭހަތަކެއް އަންނާނެ ކަމަށެވެ. މިކަމުގެ ފައިދާ އެންމެހައި ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.