ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމް އުނިކޮށްފައެވެ.
އެގޮތަށް ނިންމާފައިވަނީ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މިދިޔަ މަހު ބޭއްވުމަށްފަހު އެ ބައްދަލުވުމުގައި އެ ޕާޓީ އުވާލުމަށް ސެނެޓުގެ އަގުލަބިއްޔަތުން ފާސްކޮށް އީސީއަށް ހުށަހެޅުމާ ގުޅިގެންނެވެ.

އީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމް އުނިކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެންނެވެ. ފަހުން ޕީޕީއެމްގެ ރައީސްކަން ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ޕީޕީއެމް އުވާލާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވި ފަހުން ރައީސް ޔާމީނާއި ރައީސް މުއިއްޒުއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދެވި ފަހުންނެވެ.