މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ހަލީލް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައޫދާ ބައްދަލުކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި މި ގުޅުން ދަމަހައްޓައި އިތުރަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މިނިސްޓަރު ހަލީލް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެ އަށް ދެމުންގެންދާ އަހައްމިއްޔަތުކަމާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި ދެ ގައުމަށްވެސް މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ބައިނަލްއަގްވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހަލީލު ސައުދީއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.