ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިޔާލު ފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަންކަމަށް ދޭ އަހަމިއްޔަތުކަން މިރޭ ފެނިގެން ގޮސްފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ”ފުދިއްޖެ ފުނޑިއްޖެ“ ނަމުގައި ބޮޑު ހިނގާލުމެއް ވަނީ ބާއްވާފައެވެ.

މި އެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތައް ތިބުމަކީ، މި ސަރުކާރުން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަމަށްވާ، އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.

ރައީސްގެ ސިޔާސަތަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށް ކަށަވަރުކުރުން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އެމްޑީޕީން މާލޭގެ ބޮޑެތި މަގުތަކުގައި ހިނގުމަށް ފަހު އެއްވުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.

މި މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި ބައެއް ވަޒީރުންގެ އިސްތިއުފާ އަށް ވެސް އެމްޑީޕީން ގޮވިއެވެ.