އޯލެވަލް ނިންމާ ދަރިވަރުންގެ ތެރެއިން، ވަޒީފާގެ މައިދާނުން ފުރުސަތު ހޯދުމަށް ދަތިވާ ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ”ނެޝަނަލް ސާވިސް ޕްރޮގްރާމު“ގެ އިދާރީ ކަންކަން ފެށުމުގެ ގޮތުން ރައީސް އޮފީހުގައި ހާއްސަ ސެކްޝަނެއް ހަދައި އެތަނަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނެޝަނަލް ސާވިސް ޕްރޮގްރާމު ފައްޓަވާނެކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީީސް މުއިއްޒު އޭރު ވިދާޅުވީ، ނެޝަނަލް ސަރވިސް ޕްރޮގްރާމްގެ ގޮތުގައި މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ އޮފީހުގައި މުޅިން އަލަށް ގާއިމުކުރި ނެޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފައެވެ.

މި މަގާމަށް ހޮވޭ ބޭފުޅުންގެ މައިގަނޑު މަސައްކަތަކީ ނެޝަނަލް ސާވިސް ޕްރޮގްރާމު ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅެއްގެ ލަފާގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

އެގޮތުން މި ޕްރޮގްރާމުގެ ޓައިމްލައިން ތައްޔާރުކުރުމާއި މޮނިޓާކުރުމާއި ޕްރޮގްރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުންވެސް މަސައްކަތުގެ ޒިންމާގެ ތެރޭގައި ހިމެނެއެވެ.

ޑެޕިއުޓީ ޑިރެކްޓަރަކަށް ހޮވޭ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 15،918 ރުފިޔާ އަދި އެސިސްޓެންޓް ޑިރެކްޓަރަކަށް ހޮވޭ ބޭފުޅަކަށް 14،700 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ދެ މަގާމަށްވެސް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ. އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ މަގާމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ މީހުންނާ އެކަނި ކަމަށްވެސް އިއުލާނުގައިވެއެވެ.

ނެޝަނަލް ސަރވިސް އަކީ ގާނޫނެއް ހެދިގެން އެ ގާނޫނުން ބާރުލިބިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުމުރުން 16 އަހަރު ވުމަށްފަހު އިތުރު ފުރުސަތު ނުލިބޭ ކުދިން އެ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެޕްރޮގްރާމްގައި ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދާ, ރެކްރޫޓް ޕްރޮގްރާމް ނިންމުމަށްފަހު އެކުދިން ސިފައިންގެ ނުވަތަ ފުލުހުންގެ ޚިދުމަތާ ގުޅޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.