ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމުސީލުކުރަން އެގްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ގޮތުން ހެލްތު މިނިސްޓަރު ނާޒިމް އިބްރާހީމް، ސްވިޒަލޭންޑުގެ ޖެނީވާއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ 34 ގައުމަކުން ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ބައިނަލްއަގްވާމީ މުހިންމު ނިންމުންތަކެއް ނިންމާ މި ބައްދަލުވުމަކީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
މާދަމާއިން ފެށިގެން މި މަހުގެ 11އަށް ކުރިއަށްދާ މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެންބަރު ގައުމުތަކާއި އެހެން މެންބަރު ގައުމުތައް ވެސް ހިމެނޭގޮތަށެވެ.
މި ފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ވަނީ ވައިސް ޗެއާކަން ކުރުމަށް ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި މިދިޔަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ ހަ ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި، މި އަހަރުގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް އެގްޒެކަޓިވް މެންބަރު ގައުމުތަކުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ.
އޭގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ގައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވާސަލް ހެލްތު ކަވަރޭޖްގެ އިތުރުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމު ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމު ނިންމުންތަކަށް މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާ އެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.

