ގަވާއިދާ ހިލާފަށް ސަފާރީއަކަށް އެރުވި 3474 ބަނގުރާ ފުޅިއާއި ދަޅު އަތުލައިގެންފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ގަވާއިދާ ހިލާފަށް ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދޫ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައި ފާސްކުރި އިރު، 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން، އެތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމާއި، އެ ތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ހިލާފަށްކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

