ރަމަޟާން މަހަށް ދިވެހިންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ހުސްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

އެ މިނިސްޓްރީ އިން ބުނީ ކަދުރު ބެހުމުގެ މަސައްކަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުން ކަދުރު ބަލާ އައިސްފައިވާ ކަމަށެވެ.

މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ހުސްވެފައިވީ ނަމަވެސް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ގެންގޮސްފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.