ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމުގެ މަސައްކަތް ޓާސްކް ފޯސްއިން ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން، އިއްޔެ ހަވީރު ކުރިއަށް ގެންދެވުނު ރެއިޑު އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުންދާ 4 ކެފޭއެއް ވަނީ ބަލައި ފާސްކުރެވިފައި ކަމަށް އެ އިދާރާ އިން ބުންޏެވެ.

އަދި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ވެސް މައުލޫމާތު ދިނެވެ.

މީގެ އިތުރުން އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން،  ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ވެސް ބަލައި ފާސްކޮށްފައެވެ.

އެގޮތުން ސައްހަ ވިސާއެއްނެތި ގަވާއިދާ ހިލާފަށް އުޅެމުންދިތަ 07 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.