ވަށާޖެހޭ، ދެމެހެއްޓެނިވި އަދި ގުދުރަތީ ކާރިސާތަކުން ސަލާމަތްކަން ކަށަވަރުކުރެވޭ، ދަނޑުވެރިކަމުގެ ސިނާއަތެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ”ކްލައިމެޓް ރެޒިލިއެންޓް އެގްރިކަލްޗަރ ފޮ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް“ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނީ ދިރިއުޅުމާއި ދަނޑުވެރިކަމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުން އިތުރުކުރުމަށްޓަކައި ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި، ކެމިކަލް އެކުލެވޭ ގަސްކާނާގެ ސަބަބުން ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެންމެ ފަހުގެ އިޖާދީ ގޮތްތަކާއި މަޢުލޫމާތުގެ ބޭނުން ކުރުމާއި، ޚާއްޞަކޮށް، އާޓިފިޝަލް އިންޓެލިޖެންސް، (އޭއައި) ގެ ބޭނުން ހިފުމުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

އެފަދަ ޒަމާނީ އައު އީޖާދުތަކުގެ ބޭނުންހިފައި، އަދި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން ފުރިހަމައަށް ކޮށްގެން، އުފެއްދޭ މިންވަރު އިތުރުކޮށް، ވިލުންވެރި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމުން، ރައްޔިތުންނަށް އޭގެ ފައިދާލިބިގެންދާނޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އަދި އެފަދަ ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއްގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތައް މަދުކުރެވި، ރައްޔިތުންގެ ދުޅަހެޔޮކަން ޔަޤީންކުރެވިގެންދާނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މީގެ އިތުރުން، އެފަދަ ނިޒާމެއްގެ ތެރެއިން، ކާބޯތަކެތީގެ ފެންވަރު ކަށަވަރުކުރެވި، އަދި ފެންވަރު ކަށަވަރުކުރުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ފަހިކުރެވޭގޮތަށް އެނިޒާމު ފަރުމާކުރެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

”ކްލައިމެޓް ރެޒިލިއެންޓް އެގްރިކަލްޗަރ ފޮ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް“ ކޮންފަރެންސަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް އޯގަނައިޒޭޝަން ފޮ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން، ސިޔާސަތުއެކުލަވާލާ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދިރާސާވެރިންގެ ބައިވެރިވުމާއެކު ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ތަރައްގީކޮށް، ކާބޯތަކެތީގެ ކަށަވަރުކަން ޔަޤީންކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވި، ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އޭގެ ހައްލުތަކުގެ އިތުރުން، ދާއިރާގެ ބައިވެރިންގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީވެސް ކޮންފަރެންސްގެ އަމާޒެއްކަމުގައި އެމްއެންޔޫއިން ވިދާޅުވެފައިވެއެވެ.