ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭ މަތީގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓުވެ، މީހަކު މަރުވި މައްސަލައިގައި އުމުރުން 60 އަހަރުގެ އަންހެނަކާ ސުވާލުކޮށްފިއެވެ.
ފުލުހުން މިދިޔަ ހޮނިހިރު ބުނީ ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ކޯނެއްގައި ޖެހި ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކު އެކްސިޑެންޓުވީ އެ ދުވަހުގެ ހެނދުނު 8:15 ހާއިރު ކަމަށެވެ.
އޭނާ މަރުވެފައި ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ހެނދުނު 9:05 ހާއިރު ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފަހުން އާއްމުވި ސީސީޓީވީ ފުޓޭޖަކުން ފެންނަ ގޮތުގައި، އެ މީހާ އެކްސިޑެންޓުވި ވަގުތު، އޭނާގެ ބޯ މަތިން ސައިކަލެއް ދަތުރުކޮށްފައިވެއެވެ.
ފުލުހުން މިއަދު ބުނީ، އެކްސިޑެންޓާ ގުޅިގެން އުމުރުން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށް، އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލު ވެސް ޓޯކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭ މަތީގައި ކޯން ޖަހާފައި ވަނީ އެ މަގުގެ އެއްކައިރީގައި ޖަހާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

