މާފަންނު ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގަައި ބުނީ މި މިސްކިތް އެޅުމާ ގުޅޭ ގޮތުން މިއަދު ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެގޮތުން ވަގުތީ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި ޒަމާނީ ފެންވަރުގެ ތިން ފަންގިފިލާގެ މިސްކިތެއް އެޅުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
މި މިސްކިތް އެޅުމުގެ މަސައްކަތް ރަމަޟާން މަސް ނިމިގެން ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
”ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ މަސައްކަތް ފެށޭނެ.“ މިނިސްޓްރީން ބުނެފައިވެއެވެ.
މި މިސްކިތް އަޅަނީ، އެ މިނިސްޓްރީއާ ހެޔޮ އެދޭ ފަރާތްތަކެއް ގުޅިގެން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

