ވެރި ރަށް މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރޭ މި ހާދިސާ ހިނގީ ހ.ކުއްޅަވައްދޮށުގޭގެ ތިން ވަނަ ފަންގިފިލާގައެވެ.
އެ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ވަނީ ނިއްވައިލައިފައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ރޭ  22:10 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 23:25 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، އެ ފަންގިފިލާގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މާލޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގިއިރު، މި މަހުގެ 1، 2 އަދި 4 ވަނަ ދުވަހުގެ ރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވެއެވެ.