އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި ”އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް“ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމަވައިފިއެވެ.

ރައީީސް ޑރ.މުހައްމަދު މުއިއްޒު މިއަދު މިކަން ހާމަކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވަވައިދެއްވައި، ރިޔާސީ ބަޔާާން އިއްވަވަމުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ، ރައީސް ވިދާޅުވި ގޮތުގައި، އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެންނެވެ.

ރައީީސް ވިދާޅުވީ، ޝައްކެއްވެސް ނެތްގޮތުގައި ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމް ކަމަށާއި، މިއީ އިލާހީ އެންގެވުމުގެ އިތުރަށް، މުސްލިމުންނާއި ޢައިރު މުސްލިމުން ވެސް އެ މައްޗަށް އެތައް އިއުތިރާފެއްވެ، އެތައް ފޮތެއް ލިޔެ އެ މައުޟޫއުގައި ޝާއިއު ކުރެވިފައިވާ ސާފު ހަގީގަތެއް ކަމަށެވެ.

”އެހެންކަމުން ލީޑަރޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގާ. ވީމާ، އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި ”އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް“ ޕްރޮގްރާމެއް އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ވާނީ ހަމަޖައްސާފަ.“ އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީީސް ވަނީ، މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އަލުން އުފައްދާފައިވާކަން ފާހަގަކުރައްވައިފައެވެ.

މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ބަލައި، ބަލަހެއްޓަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަދި ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868953.00ރ (ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ) މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ޚަރަދު ކުރެވިފައި.“ ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއު މިއަހަރު ކުރިއަށްގެންދެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، ޒަކާތު ހައުސް އުފެއްދިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ލިބުނު މަންފާއަށް ބަލާއިރު، ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްދޭން ފަށައިފައި ކަމަށެވެ.

ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށް ޓަކައި ހަދަންޖެހޭ އުސޫލުތަކާއި، ގަވާއިދުތައް އެކުލަވާލައި ފާސްކުރެވިފައިވާ ކަމަށާއި، ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ފަންނީ ގާބިލުކަން ލިބިގަތުމަށްޓަކާ، ”އިންޒެކް“ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”މި ގޮތަށް ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ.“

ރައީސް ވިދާޅުވީ ޒަކާތަކީ މާތްވެގެންވާ އިސްލާމް ދީނުގެ މުހިންމު ރުކުން ކަމަށާއި، އެއީ އިޖުތިމާއީ އަދާލަތުގެ ވަރަށް ހާއްސަ އެއް އަސާސްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޒަކާތުގެ ސަބަބުން އިންތިހާއީ ފަގީރުކަން ނައްތާލެވި މާލީ ފުދުންތެރިކަމެއް މުޅި ގައުމުގައި އަށަގެންނެވޭ ކަމަށެވެ.

އަދި އޭގެ ސަބަބުން ކުލުނާއި ލޯތްބާއި ހަމަޖެހުން ގާއިމުކުރެވޭ ކަމަށާއި މިއީ އިސްލާމީ ތާރީހު ކަށަވަރުކޮށްދީފައިވާ ހަގީގަތެއް ކަމަށް ވެސް ވިދާޅުވިއެވެ.